މޮރިޝަސްއާ ރާއްޖެއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ކަނޑައެޅި  މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރުމަށް އިލްމުވެރިންގެ ގުޅުމުން ނިންމައިފިއެވެ.

Ads by Asuru

އިލްމުވެރިންގެ ގުޅުމުގައި ވަރަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ހިމެނެއެވެ.

އެ ގުޅުމުގެ ފަރާތުން ރޭ ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓަށް އެދި ސިޓީ ލާފައިވާ ކަމަށެވެ.

މީގެއިތުރުން މިނިސްޓްރީ އޮފް ޑިފެންސްގެ އިސް ބޭފުޅުންނާ ބައްދަލު ކުރަން ވެސް، އިލްމުވެރިން އެދެއެވެ.

ހަމައެހެންމެ އިލްމުވެރިންގެ ގުޅުމުން މީގެ ދެ ދުވަސްކުރިން ވަނީ އިސްލާމިކް މިނިސްޓްރީއަށާއި ފޮރިން މިނިސްޓްރީއަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ވެސް ސިޓީ ފޮނުވާފައެވެ.

އިމުގެ އިޓްލޮސްއަށް ހުށަހެޅުމުން  ނިންމީ ފުށުއަރާ ކަމަށް މޮރިޝަސްއިން ބުނާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ބެހުމަށެވެ.

އެގޮތަށް ބަހާލައި، އިޓްލޮސް އިން ނިންމީ ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ.

އެއާއެކު ރާއްޖޭގެ މަސްވެރިން މީގެ ކުރިން މަސްވެރިކަން ކުރާ ކަނޑުގެ ބޮޑު ބައެއް ވަނީ ގެއްލިފައެވެ. އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ވަނީ ލިބިފައެވެ.