އާބަންކޯއިން ހިއްކަން އުޅޭކަމަށް އަޑުފެތުރިފައިވާ ހުޅުމާލޭ ފަޅުގެ އިހްތިސޯސް ލިބިފައި އޮތީ، މާލެ ސިޓީ ކައުންސިލަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު، ހުޅުމާލޭގެ ފަޅުހިއްކައި، ގޯތި ދިނުމަށް ނިންމާފައިވާކަމަށް ބުނެ ވާހަކަތަކެއް ދެކެވެމުން އަންނައިރު، އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ ބިމަށް ބިން އިތުރުކޮށްގެން އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަންފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ އެކަމަކީ ރަނގަޅުކަމެއް ކަމަށެވެ.

ނަމަވެސް، އެކަން ކުރަންވާނީ އެހެން ކޮންމެ ކަމެކޭވެސް އެއްފަދައިން، ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ މިހާރު ހިއްކަން ނިންމާފައިވާ ސަރަހައްދަކީ އާބަންކޯއަށް ހަދައިދީފައިވާ ރެޖިސްޓްރީގައި ނުހިމެނޭ ސަރަޙައްދެއް ކަމަށެވެ. އަދި ހިއްކަން އުޅޭކަމަށް ބުނާ ސަރަހައްދަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

”މި މަޝްރޫއަކީ، ހުޅުމާލެ މާސްޓަރޕްލޭނާއި ހިލާފު ކަމެއްކަން. ޕްލޭން ކުރުމެއްނެތި ކުރާ މިފަދަ ބޮޑުކަމެއް ކުރަންވާނީ އެކަމާއި ގުޅިގެން މާސްޓަރޕްލޭނަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުތަކާއި އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށްކަން.“ މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މޭޔަރު މުއިއްޒު ވިދާޅުވީ މި މަސައްކަތަކީ ލާމަރުކަޒީ ގާނޫނުގެ 68 (ހ) އާއި ޚިލާފަށް މާލެ ސިޓީ ކައުންސިލާއި އެއްވެސް މަަޝްވަރާއެއް ކުރުމެއްނެތި ހިންގަންއުޅޭ މަޝްރޫއެއްކަމަށެވެ.

އަދި ވިދާޅުވީ ޑިމޮކްރަސީއެއްގައި ގާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަކީ ރައްޔިތުންނާއި ދައުލަތުގެ އެންމެހާއި ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި އަބަދުމެ ކަށަވަރުކޮށްދެވެންވާނޭ އަސާސީ ސިފައެއްކަމަށެވެ.

މޭޔަރު މުއިއްޒު ވަނީ، މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އަދި އަރބަންކޯ ގެ ރަޖިސްޓްރީގައި ނުހިމެނޭ ފަޅެއް، ގާނޫނާއި ހިލާފަށް، ހުޅުމާލޭގެ މާސްޓަރޕްލޭނާއިވެސް ހިލާފަށް، ކައުންސިލްގެ މަޝްވަރާއެއްނެތި، އަދި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ހޯދުމަކާއި ނުލާ، ކުރަން އުޅޭ އުޅުން އިސްލާހު ކުރުމަށް ގޮވާލައްވާފައެވެ. އަދި ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތީން އަމަލުކުރެއްވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.

މިގޮތަށް ކުރިޔަށް ގެންދާނަމަ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިއްބައިދިނުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.