ގައިދީއަކަށް މަހަކު 20،000 ރުފިޔާ ދައުލަތުން ހަރަދުކުރާ ކަމަށް ކޮމިޝަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 27 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަހުމަދު ވިދާޅުވީ އެވެރޭޖްކޮށް ކޮންމެ މަހަކު 64 މީހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށަށް އަންނައިރު، ޖަލުން އެކި ސަބަބުތަކަށް ދޫކޮށްލަންޖެހެނީ ނިސްބަތުން 45 މީހުން ކަމަށެވެ.

ފާއިތުވި އަހަރުގެ ބަޖެޓަށް ބަލާއިރު، 20،000 ރުފިޔާ ނިސްބަތުން މީހެއްގެ ބޮލަށް ހޭދަކުރަން ޖެހުނު ކަމަށާއި އެހެން ކަމުން ދިވެހި ދައުލަތުން ކުރަމުންދާ ބޮޑު ހޭދަ އާއި މިކަމުން ހާޞިލްކުރަންޖެހޭ ބޮޑު ނަތީޖާ އާއި ހެޔޮ ބަދަލު ދައްކަދޭން ޖެހޭކަމުގައި އަހުމަދު ވިދާޅުވިއެވެ.

ޖަލުގައި ހިންގުނު ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ހިންގުމަށް ދަސްވެފައިވާއިރު، އެ ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތައް ޖަލުން ނެރުމުން ކުރިމަތިވާ ގޮންޖެހުންތަކަށް އަހުލުވެރިވާންޖެހޭ ކަމަށެވެ.

މިގޮތުން ފުރަތަމަ ފްރޮގްރާމްގެ ދަށުން މުޖްތަމަޢުއަށް ދޫކުރި 32 މީހުންގެ ތެރެއިން 10 މީހުންގެ މައްސަލަތައް އުޅެ ފަސް މީހުން އަނބުރާ ޖަލަށް އައިސްފާވާއިރު، 22 މީހުން ކާމިޔާބުކަމާއެކު މުޖްތަމައުގައި އުޅެމުންދާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.