ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

Ads by Asuru

ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ރަސްމީގޮތުން ހުޅުވައިދެއްވާފައި ވަނީ މިކަމަށްޓަކައި އިއްޔއ ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ހަފްލާގައެވެ.

ރާއްޖޭގެ ފުންނާބު އުސް އަދި ކުރިއަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

2005 ވަނަ އަހަރު ނޭޝަނަލް އާޓް ގެލެރީ ހުޅުވީއްސުރެ ގެލެރީގައި ޕަރމަނަންޓް ކަލެކްޝަނެއް ގާއިމް ކުރުމުގެ ސިޔާސަތެއް އޮތްނަމަވެސް މިއަދާ ހަމައަށް ޕަރމަނަންޓް ކަލެކްޝަނެއް ގާއިމްކޮށް، އާންމުންނަށް ފެންނާނޭހެން މައުރަޒުކުރެވިފައެއް ނުވެއެވެ.

މިއަދު އިފްތިތާޙު ކުރި ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަންގައި އެކިއެކި ދިވެހި ކުރެހުންތެރިންނާއި، ބޭރުގެ ބައެއް ފަރާތްތަކުން ހަދިޔާކުރައްވާފައިވާ ޖުމްލަ 44 ކުރެހުން ހިމެނެއެވެ. މީގެ ތެރެއިން ދިވެހި ކުރެހުންތެރިންގެ 24 ކުރެހުމެއް މިވަގުތު ޕަރމަނަންޓް ކަލެކްޝަންގައި މައުރަޒުކުރެވިފައިވެއެވެ. މި24 ކުރެހުމުގެ އިތުރުން މިވަގުތު ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ ދެ ކުރެހުމަކާއި، ބޭރުގެ ބައެއް ގައުމުމުތަކާއި، ރާއްޖޭގައި އެކި ދުވަސްވަރު ހިދުމަތްކުރެއްވި އެކި ޤައުމުތަކުގެ ސަފީރުން ހަދިޔާކުރައްވާފައިވާ ބައެއް ކުރެހުންތައްވެސް ޕަރމަނަންޓް ކަލެކްޝަންގައި ހިމެނެއެވެ.

ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަނާއި ރާއްޖޭގެ ބައެއް ސީނިއަރ އާޓިސްޓުންގެ ކުރެހުންތައް އަދި އެތަނުގައި ކުރިޔަށްދިޔަ ކުރެހުމުގެ ހަރަކާތްތައް ބައްލަވާލައްވާފައެވެ.