ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމާ ގުޅިގެން، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ އަންނަ ހުކުރު ދުވަހު، ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން ބާއްވާ މުޒަހަރާގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރި ނުވުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.
ގާސިމް މިއަދު ވަނީ، ޖޭޕީގެ މެމްބަރުން ތިއްބާވާ ވަޓްސްއަޕް ގުރޭޕެއްގައި އެމުޒާހަރާގައި އެޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވާން އެދިވަޑައިގެން މެސެޖެއް ކުރައްވައިފައެވެ.
އެ މެސެޖުގައި ގާސިމް ހަނދާން ކޮށްދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އިދިކޮޅުން ބޭއްވި މޭޑޭގެ މުޒާހަރާއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރައްވަން ނިންމަވައިފައިވާ ގާސިމް ވަނީ، ގައުމުގެ އަމަންއަމާންކަމާ ސުލްޙަ ގާއިމު ކުރުމަށް އެދިވަޑައިގެންފައެވެ.
”ދޭއް ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެ ވަޑައިނުގަތުމަކީ އަޅުގަނޑުގެ އިހުލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެކެވެ.“ އެ މެސެޖުގައި ލިޔުއްވައިފައިވެއެވެ.
ޗާގޯސް މައްސަލާގައި ސަރުކާރުން އަމަލު ކުރި ގޮތުން، ”ކަނޑު ވިއްކުމާ ދެކޮޅު ކޯލިޝަން“އެއް މިހާރު ވަނީ ހަދައިފައެވެ.
ެއެ އިއްތިހާދުގައި ހިމެނެނީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުންނާއި މިހާރު ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އާއި މޯލްޑީވްސް ނޭޝަނަލް ޕާޓީ އަދި ޕީޕީއެމް-ޕީއެންސީއެވެ. މި ޕާޓީތައް ވަނީ، ޖޮއިންޓް ޕާލަމަންޓްރީ ގުރޫޕެއް އުފައްދައިފައެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލަ ބައްލަވައި، އިއްވެވި ޙުކުމްގައި ވަނީ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަޙައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.
އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަ ކިލޯމީޓަރެވެ.