ތަރަައްގީ އަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް ދައްކުވައިދެއްވީ، ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Asuru

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ރައްޔިތުން ތިބީ ހިނިތުންވެފައި ކަަމަށާއި، ރައްޔިތުންގެ އަތުގައާއި ޖީބުގައިވެސް ފައިސާ ހުރި ކަމަށެވެ.

”ރައީސް ޔާމީން އަކީ ވައުދުވެވަޑައިގެން، ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކީގައި، ވައުދުތައް ފުއްދެވި، ފުއްދަވާ ރައީސް.“

ހޮޅި ވާހަކަ ދައްކައިގެންނާއި، ތެދު ބަހުން ވާހަކަ ދައްކާ މީހުންގެ ތަފާތު ވަރަށް ”ސާދާ“ކަން ފާހަގަކުރައްވައި، ވެރިކަން ކުރަން ނޭނގޭ މީހުންނާއި އެކަން ކުރަން އެނގޭ މީހުންގެ ތަފާތު ފެނުމަކީ ފިލާވަޅުތަކެއް ނަގައިދޭ ތަޖުރިބާއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އޭނާ ވަނީ މިއީ ދައުލަތަށް ފައިސާ ހޯދާނެ ގޮތެއްވެސް، އަދި ބޮޑު މަޝްރޫއުއެއް ވެސް ހިންގަން ނޭނގޭ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެެ.

”ގޮތްހުސްވެގެން، ދައުލަތުގެ ހަރުމުދަލާ، ކުންފުނިތަކާ ރައްޔިތުންގެ މިލްކިއްޔާތު ވިއްކާލަނީ. ގާނޫނު އަސާސީގެ ޗާޓުން ބޭރުވެ، ދިވެހިރާއްޖޭގެ ޗާޓުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ވައްދަނީ.“

މީގެއިތުރުން ޣައްސާން ވަނީ ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށްޓަކައި، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމުގެ މުހިންމުކަންވެސް ފާހަގަކުރައްވައިފައެވެ.

”އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސައްކަތް ނިންމާނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގްލާލް އަނބުރާ ހޯދާފައި. ބޭރުގެ އެއްވެސް އަސްކަރިއްޔާއަކަށް މި ބިމަކުން އެންމެ ޖާގައެއްވެސް ނެތް. އިންޑިއާ ސިފައިންވެސް ޖެހޭނީ ފައިބާން.“