ރޭ އައްޑޫސިޓީ މަރަދޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާ ދީ މަރާލާފައިވާ އަހުމަދު ޝުއެއިބް(27އ) ގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

މި މައްސަލާގައި ތުހުމަތު ކުރަނީ އޭނާގެ ކޮއްކޮ ހުސައިން މަވާޒް (25އ) ގެ މައްޗަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާއިރު، މައްސަލަ އަންނަނީ ބަލަމުންނެވެ.

މަވާޒް ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައިވަނިކޮށް، އަމިއްލައަށް ގަން ޕޮލިސް ސްޓޭޝަނަށް އޭނާ ހާޒިރުވީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ މަރަދޫފޭދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ކަމުގެ ރިޕޯޓެއް ރޭ 11:38 ގައި ލިބިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ދެބެއިންގެ މެދުގައި މާރާމާރީ ހިންގީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. މިމައްސަލާގައި ކަތުރަކުން ޝުއެއިބްއަށް ހަމާލާދީފައިވާއިރު އޭނާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.