ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ”ހަރާންކޯރުކޮށް“ ކަންތައް ކުރާ ޕާޓީ އަކީ އަދާލަތު ޕާޓީ ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އިިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެއިރެއްގައި ވެރިކަމުގައި ތިބޭ ބަޔަކާއެކު އެއްބަސްވުން ހަދައިގެން، މަންފާ ހޯދަން މަސައްކަތް ކުރާ ”ކުދި“ ސިޔާސީ ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެފަދަ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނުން އެންގި ގޮތަށް، 3000  މެމްބަރުން ހަމަ ކުރަން އުޅެނީވެސް، އެމަނިކުފާނު ވިދާޅުވިގޮތުގައި، ދެން ވެރިކަން ހޯދާނެ ބަޔަކާއެކު ކޮންމެވެސް އެއްބަސްވުމެއް ހަދައިގެން، ވަޒީރުކަން، ނޫނީ އެހެން މަގާމުތައް ޕާޓީގެ މެމްބަރުންނަށް ހޯދައިދިނުމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި، ދީނީ ވަހުދަތު ކުރިއަރުވަން މަސައްކަތް ކުރުމަށް ކަމަށް ބުނެ އުފެއްދި އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ ލާދީނީ މީހުންނަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރާ ބައެއް ކަމަށް ވިދާޅުވިއެވެ.

”އެއީ(އަދާލަތު ޕާޓީ)އަކީ ދީނީ ޝުހުރަތު ނަގާ ކޮނޑަށް ލައިގެން، މިކަން ވިއްކައިގެން އެންމެ ހަރާންކޯރުކޮށް ކަންތައް ކުރާ މީހުން. އެންމެ ލާދީނީ މީހުން، ލާދީނީކޮށް ވިސްނާ، ލާދީނީ މަންހަޖެއް ގެންގުޅޭ މީހުން ވެރިކަަމަށް ގެންނަން އެންމެ ކުރީ ސަފުގައި އޮތީ އަދާލަތު“

ރައީސް ޔާމީން ވިދާޅުވީ، އެޕާޓީއަށްވުރެ ބޮޑަށް، ނަންކިޔާފައި ރައްޔިތުންނަށް ކަންކަން އޮޅުވާލާ ބަޔަކު ނެތް ކަމަށެވެ.

2018 ވަނަ އަހަރުގައި އެމްޑީޕީއަށް ވެރިކަން ހޯދައިދޭން ވަރަށް ބޮޑަށް މަސައްކަތް ކުރި އަދާލަތު ޕާޓީގެ މަގްސަދަކީ ދީނީ ދަރުސްތައް ދީ، ދީނީ ކަންކަން އޮޅުން ފިލުވައިދިނުން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

”ހަމަ ސިޔާސީ ކުރިބޯއްޓާ ހަމައަށް ވާސިލުވުން، ދެވަނަ ދެކަމެއް ނެތް.“

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ މައްސަލައަށް، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކެކޭ އެއްފަދައިން، އަދާލަތު ޕާޓީއިން ސަމާލުކަން ނުދޭތީ، އެކަމަށްވެސް އެމަނިކުފާނު ފާޑުވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ނަމަ، އެމީހުން ބޭރު ކުރަން، ޕީޕީއެމަށްވުރެ ކުރިން ނުކުންނާނީ އަދާލަތުންކަން އެޕާޓީން މީގެ ކުރިން ބުނިކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.