ކުރިޔަށް އޮތްތަނުގައިވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައްތައްކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ނައިބު ރައީސް މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިންނާ އެމަނިކުފާނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު އޮތީ، ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގައި ޝާމިލުވެވަޑައިގެންނެވި ޢިލްމުވެރިންނާ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްގީގެ މަސައްކަތްތަކާއެކު މުޖުތަމަޢުގެ ހަމަޖެހުން ގާއިމުކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ހާއްސަކޮށް މީހުން ބިނާކުރުމަށާއި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކެއް އުފެއްދުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާކަމުގައި ވިދާޅުވިއެވެ.

އެގޮތުން އައު ދިރާސީ އަހަރާއެކު ސްކޫލްތަކާއި މުޖުތަމަޢަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް އަމާޒުކޮށް އިތުރަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، ޤުރުއާން މުބާރާތްތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިޔަށްގެންދެވޭ ހަރަކާތްތައް ކުރިޔަށްއޮތްތަނުގައިވެސް މެދުކެނޑުމެއްނެތި ކުރިޔަށްދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ހެދިބޮޑުވެގެން އަންނަ ޖީލުތަކަކީ ދީނަށް ލޯބިކުރާ، އިލްމީ އަދި ތަހުޒީބުބަޔަކަށް ހެދުމަށާއި މުޅި މުޖުތަމަޢުގެ ހެވާ ލާބައަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

1444 ވަނަ އަހަރުގެ ރަމަޟާން މަހު، މީގެ ކުރީގެ އަހަރުތަކުގައި ކުރިޔަށް ނުގެންދާހާ ގިނަ އަދަދަކަށް ދީނީ ޕްރޮގްރާމުތައް ކުރިޔަށްގެންގޮސްފައިވެއެވެ.

އޭގެ ތެރޭގައި މާލޭސިޓީގައި ކުރިޔަށް ގެންދިޔަ އިޙްޔާ ޖަލްސާތަކާއި އަތޮޅުތަކުގައި ކުރިޔަށް ގެންދިޔަ އިޙްޔާ ޖަލްސާތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ފޯރަމްތަކާއި ސްކޫލުކުދިންނާއި އާންމުންނަށް ކުރިޔަށްގެންދިޔަ ސެޝަންތަކާއި ފޯރަމްތައް ހިމެނެއެވެ.