ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާގައި ނުހިމަނައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ، އިއްޔެ ނެރެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުން ސޮއިކޮށް އީވާ މަގާމުން ވަކިކުރަން ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން މަޖިލީހަށް ހުށަހެޅީ އީވާ އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު އޭނާ އިސްވެ ހުންނަވައިގެން ”ދަ ޑިމޮކްރެޓްސް“ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅުއްވަން ފެއްޓެވުމުންނެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ދީފައިވާ 14 ދުވަހުގެ ނޯޓިސް އިއްޔެގެ ނިޔަލަށް ހަމަވިއެވެ.  އެކަމަކު މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓްގައި އާންމުކުރި އިރު އީވާގެ މައްސަލަ ހިމަނާފައެއް ނުވެއެވެ.

މަޖިލީހުގެ ރިޔާސަތުން ވިދާޅުވާ ގޮތުގައި މަޖިލީހުގައި މިވަގުތު އޮތް އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ގެންދެވޭނީ އަލުން ކޮމިޓީތައް އެކުލަވާލައިގެންނެވެ. އެއީ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅަންޖެހޭތީއާއި އާންމު ކޮމިޓީ ވެސް އަލުން އެކުލަވާލަންޖެހޭ ކަމަށް މަޖިލީހުގެ ރިޔާސަތަށް ގަބޫލުކުރެއްވޭތީއެެވެ.