މާލެ ސަރަހައްދުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓރީ ވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިގިލިން ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެކަމަށް އެދި ހުށައަޅާނީ މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ 9:00 ން 12:00 އާއި ހަމައަށެވެ.
ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހެނީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން ދަފުތަރުގައި ރަޖިސްޓްރީވީ ފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުން ހިމެނޭ އާއިލާތަކާއި 65 އަހަރު ފުރޭ ނުވަތަ ފުރިފައިވާ މީހުން ހިމެނޭ އާއިލާތަކުން ކަމަށް އެމިނިސްޓްރީން ވަނި ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ 1444 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އެންގިފައި ނުވާ ފަރާތްތަކަކީ މި ވަގުތު ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެކަމަށެވެ.
އަދި އަލުން ދަފުތަރުގައި ރަޖިސްޓްރީކުރަން ޖެހެނީ މިހާރު މާލޭގައި ދިރިނޫޅޭ ފަރާތްތަކާއި ދަފުތަރުގައި ރަޖިސްޓްރީކުރި ފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކާއި މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތަކުންކަމަށްވެސް އެ މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.
