ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް(ޕީސީއޯއެސް) އަކީ ހޯމޮނަލް ޑިސްއޯޑަރއެކެވެ. މިކަމުގެ ސަބަބުން އޯވަރީގައި ކުދި ސިސްޓުތަކެއް އުފެދެން މެދުވެރިވެއެވެ.
މި ކަންޑިޝަންގެ ބައެއް އަލާމާތްތަކުގެ ތެރޭގައި މޫނުގައި އޮށާޅަ ނެގުމާއި، މައްސަރުކަންތައް ދިގުލައިގެން ދިޔުމާއި، ހަށިގަނޑުގެ ބަރުދަން އިތުރުވުން ފަދަ ކަންކަން ހިމެނެއެވެ.
މިކަމަށް ފަރުވާ ނުކުރެވި ދިގުލައިގެން ގޮސްފިނަމަ، އަންހެނުންގެ ދަރިމައިވުމުގެ ސިއްހަތަށް އަސަރުކޮށް، ބަލިވެއިނުމަށް ދަތިތަކާ ކުރިމަތި ކުރުވައެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި، މި ބަލި ހުރެވެސް، ބައެއް އަންހެނުންނަށް ދަރިމައިވުމުގައި އެއްވެސް ދަތިކަމެއް ދިމަލެއް ނުވެއެވެ.
ޕީސީއޯއެސްއާއެކު ބަލިވެ އިނުމަށް ދަތިވާނަމަ ކިހިނެއް ހަދާނީ؟
ޕީސީއޯއެސްއާއެކު ބަރުދަން ލުއި ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. މިބަލި ހުންނަ ބައެއް އަންހެނުންގެ ބަރުދަން އިތުރު ނުވެވެސް ހުރެއެވެ. ނަމަވެސް މިކަން ތަހައްމަލު ކުރަމުން އަންނަ ގިނަ އަންހެނުންގެ ބަރުދަން ހުންނަންވާ މިންވަރަށްވުރެ އިތުރެވެ.
ދިރާސާތަކުން ދައްކާގޮތުގައި ހަށިގަނޑުން ފަސް އިންސައްތަ ބަރުދަން ލުއި ކުރެވުނަސް، އެއީ ނޯމަލް އޮވޮއިލޭޝަނަށް މަގުފަހި ކުރުވާ ކަމެެކެވެ. އެހެންކަމުން ބަރުދަން ވަރަށް ބޮޑަށް އިތުރުނަމަ، ބަރުދަން ލުއި ކުރުމަކީ ދަރިމައިވުމަށް މުހިންމު ކަމެކެވެ.
ކަންބޮޑުވުމާއި ހާސްކަމުން ދުރުވުމަކީވެސް، މުހިންމު އެއް ކަންތަކެވެ. ޕީސީއޯއެސް ތަަހައްމަލު ކުރާ މީހުންނަށް، ކަންބޮޑުވެ ހާސްވުމުގެ މައްސަލަ ދިމާވެއެވެ. އެހެންކަމުން ފިކުރުތަކުން ދުރުވުމަކީ މުހިންމު ކަމެކެވެ.
ޕީސީއޯއެސްއާއެކު މާބަނޑުވުމަށް މަސައްކަތް ކުރަމުން އަންނައިރު، ޑޮކްޓަރުން ބޭސްވެސް ދެއެވެ. ޑޮކްޓަރުގެ އިރުޝާދާއެއްގޮތަށް އަމަލު ކުރަމުންދިޔުންވެސް ވަރަށް މުހިންމެވެ.
މަސްދަރު: ޓައިމްސް އޮފް އިންޑިއާ
