ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ދެ ދައުވާއެއް ސާބިތުވެ، މީހެއްގެ މައްޗަށް 28 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

މިއީ ބ. ތުޅާދޫ، ދުންފިނިގެ، ނިޝާން އިބްރާހިމް ކިޔާ މީހެއްގެ މައްޗަށް ދައުވާކުރި މައްސަލައެކެވެ.

މިއީ 2019 ވަނަ އަހަރުގެ އެކި ދުވަސް މަތިން ކުއްޖާ އުޅޭ ގެއަށް ގޮސް އެކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގައި ދައުވާ ކުރި މައްސަލައެކެވެ.

ދައުލަތުން ނިޝާންގެ މައްޗަށް އުފުލި ދެ ދައުވާއަށް ވެސް އޭނާ ވަނީ ޝަރީއަތުގައި އިންކާރުކޮށްފަ އެވެ. އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާއަށް ރިއާޔަތްކުރުމުން މި ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން، އެކަށީގެންވާ ޝައްކެެއްނެތް މިންވަރަށް ދައުލަތުން ސާބިތުކޮށްދީފައިވާ ކަމަށް ޝަރީއަތުން ކަނޑައަޅާފައިވެއެވެ.

ނިޝާންގެ މައްޗަށް އައީ ކޮންމެ ދައުވާއަކަށް 14 އަހަރުގެ ޖަލު ހުކުމެކެވެ. ގާޒީ އިސްމާއިލް ޝަފީއު އިއްވެވި މި ދެ ހުކުމުން ޖުމްލަ 28 އަހަރު ޖަލު އަދަބެއް ވަނީ އިއްވައިފައެވެ.