ޖުމްހޫރީ ދުވަހުގެ މުނާސަބަތާއެކު ލިބޭ ހަތަރު ދުވަހުގެ ޗުއްޓީއާ ދިމާކޮށް ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ސަރުކާރު ބަންދުއިރު، ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަސްވެސް ސަރުކާރުން ވަނީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިއާއެކު، ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހަތަރު ދުވަހުގެ ބޮޑު ޗުއްޓީއެއް މިވަނީ ލިބި ފައެވެ.

މިއީ ގޭގައި ތިބުމުގެ ބަދަލުގައި، އާއިލާއާއި ރައްޓެހިންނާއެކު ބޭރަށް ނުކުމެ، މި ދިގު ހަފްތާ ބަންދުގައި ހުޅުމާލޭގައި ރޭވިފައިވާ ގިނަ ހަރަކާތްތަކުގައި ބައިވެރިވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުސަތެކެވެ.

މި ހަފްތާ ބަންދުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) އިން އިންތިޒާމުކުރާ ކެޑޭޓް ޕެރޭޑެވެ. މާލެ ސަރަޙައްދުގެ 16 ސުކޫލަކުން ގިނަ އަދަދެއްގެ ކެޑޭޓުން ބައިވެރިވާ މި ޕެރޭޑް، ހުޅުމާލެގެ ފޭސް 1 އަދި ފޭސް 2 ގައި ކުރިއަށްދާނެއެވެ.

އެ ގޮތުން މާދަމާ ހަވީރު މި ޕެރޭޑް ފަށާނީ ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލް ސަރަހައްދުންނެވެ.

މި ޗުއްޓީ ދުވަސްވަރު ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނާނެ އެންމެ ކުލަގަދަ އެއް ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންތިޒާމުކުރާ ކާނިވަލެވެ. ތަފާތު ހަރަކާތްތައް ހިމެނޭހެން މި ކާނިވަލް ކުރިއަށްދާނީ މި މަހުގެ 11 އިން 13 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ސެންޓްރަލް ޕާކުގައެވެ.

މި ކާނިވަލްގައި ތަފާތު ވައްތަރުގެ ކާބޯތަކެއްޗާއި ފުޑް ސްޓޯލްތަކުގެ އިތުރުން ލައިވް މުނިފޫހިފިލުވުމަށް ލައިވް މިއުޒިކްވެސް ފެނިގެންދާނެއެވެ. އަދި އެއާއެކު، ބީއެމްއެލްގެ ތަފާތު ހިދުމަތްތަކުގެ މައުލޫމާތުތައްވެސް މި ކާނިވަލްއިން ލިބޭނެއެވެ.

މި ހަރަކާތްތަކާއެކު، ކުރިއަށް މިއޮތް ހަތަރު ދުވަހުގެ ދިގު ޗުއްޓީއަކީ އާއިލީ ގުޅުންތައް ބަދަހިކޮށް، ކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ލިބޭނެ އަގުހުރި ފުރުސަތެކެވެ. މި ހަފްތާ ބަންދަކީ ފޫހި ނުވާނެހާ ގިނަ ހަރަކާތްތައް ހުޅުމާލޭގައި ރާވާފައިވާ ހަތަރު ދުވަހެވެ.