ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، މުޅި ރާއްޖެ ތަރައްގީ ކުރަމުން އަންނަ ކަމަށާއި، މިއީ މަގުމަތީގައި ތިބެން ޖެހޭ ފަސް އަހަރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މީދޫގައި އިމާރާތް ކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އެޅުމުގެ ގޮތުން، އިއްޔެ ބާއްވާފައިވާ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ރޮޒައިނާ ވިދާޅުވީ ވައްކަން ކުރާނަމަ، ކޮވިޑް-19 ގެ ސަބަބުން ދިމާވި ހާލަތާއެކު ވެސް މުޅި ރާއްޖެ މިހާރު ތަރައްގީ ކުރަމުންދާ ގޮތަށް ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

އަދި ވައްކަން ކުރާނަމަ، ރަށްތައް ތަރައްގީ ކުރަން ފައިސާއެއް ވެސް ނުހުންނާނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

 ”މި ހުރިހާ ކަމަކާއެކީ ވެސް މުޅި ރާއްޖެ މިގޮތަކަށް ތަރައްގީ ނުކުރެވޭނެ ވައްކަން ކުރަމުންދާނަމަ. ނުހުންނާނެ ފައިސާއެއް،“ ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ މި ސަރުކާރުން އަންނަނީ މުޅި ރާއްޖެ ތަރައްގީ ކުރަމުން ކަމަށާއި ހަމައެކަނި މާލޭގައި ކަމެއްކޮށްލަނީ ނޫން ކަމަށެވެ.

އެގޮތުން ރަށްތައް ތަރައްގީ ކުރަން ފައިސާ ހުރީ ބަޔަކު ރަނގަޅަށް މަސައްކަތް ކުރާތީ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ސިޔާސީ ބޭނުމަށްޓަކާ ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އަމަލީ ގޮތުން ފެންނަން ހުރި ކަންކަން ރައްޔިތުން ބަލައިގަންނަ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.