2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތީން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު ބޭއްވި ކޮމިޝަނުގެ 794 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއީ މާލޭ ސިޓީ އަށް 2 ގޮނޑި، އައްޑޫ ސިޓީ އަށް 1 ގޮނޑި، މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި، މާލެއަތޮޅަށް 1 ގޮނޑި، އަދި ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި ކަމަށް ހަބީބް ވިދާޅުވިއެވެ.
ޙަބީބް ވަނީ ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް ކޮމިޝަނުން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ވިދާޅުވެފައެވެ.
