އެހެން ޕާޓީތަކުން ވެރިކަން ހޯދަން މަސައްކަތްކުރާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ، ރައީީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ”ފަސޭހަ ވިޔަފާރި ސިޔާސަތު“ ލޯންޗު ކުރުމަށް ބ. ތުޅާދޫގައި ކުރިއަށްދިޔަ އިވެންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ އަމާޒަކަށް ވާންވާނީ ދެވަނަ ދައުރެއް ހޯދުމަށް މަސައްކަތްކުރުން ނޫން ކަމަށާއި އަޅުގަނޑުމެން ކުރަންވީ ކަމަކީ، ރައްޔިތުންގެ ދިރިއުޅުން އާރާސްތު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.
ނަޝީދު ދެއްކެވި ވާހަކައިގައި، ދެވަނަ ދައުރެއްގެ ބޭނުމުގައި ބައެއް ޕާޓީތަކުން ކެމްޕޭން ކުރާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
”ވެރިކަމަށް ޓަކައި ކުރާ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެވޭނެ. އެއްވެސް މީހަކު ތާއަބަދު ބޭނުންވާ ކަމަކީ ވެރިކަން ކަމަށް ވަންޏާ އަޅުގަނޑުމެން އެކަކަށް ވެސް ރަނގަޅު ގޮތެއް ނޫން.“ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި ވެރިކަން ކުރުމުގެ ސަގާފަތް މިދިޔަ 15 އަހަރު އޮތް ގޮތަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރު ހިންގެން އޮތީ ރައްޔިތުންގެ މަޖިލިހުގެ ރުހުން އޮވެގެންކަމަށެވެ.
ނަޝީދު ވަނީ ނުރަނގަޅު އެތައް ކަމެއް ކޮށްގެން، މެންބަރުންނަށް ޕްރޮޖެކްޓްތައްދީ، ރައީސުލްޖުމްހޫރިއްޔާއަށް މަޖިލިސް ކޮންޓްރޯލް ކުރައްވަން ޖެހުމުން އެ ހެއްދެވެނީ ބޮޑު ގޯހެއްކަން ފާހަގަކުރައްވާފައެވެ.

ދަނޑިމޯ ކުޅީގެ ބާނީވެސް ހަމަ އުޅެނީ ބޮޑުވަޒީރު ކަމާހެދި