ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީ މިއަދު ރަސްމީކޮށް ފެށުނު ކޮޕް 28 ސަމިޓްގެ ހަވާސާ ގައެވެ.

މިއީ ރައީސް މުޢިއްޒު، ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ފަހުން މޯދީއާ ބައްދަލުވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު މީގެ ދެހަފްތާގެ ކުރިން މަޤާމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ އިންޑިއާގެ ބޮޑުވަޒީރު ވަނީ، ދެޤައުމު ދޭދޭ ގުޅުންތައް ވަރުގަދަކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ދެބޭފުޅުން ވަނީ، އިޤްތިޞާދީ ދާއިރާއިން ގުޅުންބަދަހިކުރުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުން ހިމެނޭހެން، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމަކީ ބިނާކުރަނިވި ބައްދަލުވުމެއް ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމުގައިވެސް ވިދާޅުވިއެވެ.

”އުއްމީދަކީ ދެ ޤައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެއްބާރުލުން އިތުރުކޮށް ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުން،“ މޯދީ ވިދާޅުވިއެވެ.