އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުން އިތުރުވެ، 3.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓެޓިސްޓިކްއަށް ބަލާއިރު، މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗާ ޓެކުހުގެ ގޮތުގައި 1.64 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު 1.54 ބިލިޔަން ރުފިޔާއާ އަޅައި ބަލާއިރު 6.4 އިންސައްތައިގެ އިތުރުވުމެކެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. އެގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.68 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.56 ބިލިޔަން ރުފިޔާއެވެ. މިއީ 7.6 އިތުރު އަދަދެއް ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ޕީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3.32 ބިލިޔަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 3.11 ބިލިޔަން ރުފިޔާއެވެ.

