އދ.ދިގުރަށުގައި ވިހައިފައިވާ ތުއްތު ކުއްޖަކު ކޮތަޅަކަށްލައި އެއްލައިލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ، ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދު 09:20 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

”މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން. އަދި ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ވަނީ ފުލުހުންނަށް މައުލޫމާތު ދީފައި.“ ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ނުދެއެވެ. އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާ ނަގައިފައި ވަނީ، ގެސްޓްހައުސްތަކާއި ގެތަކުން އުކައިލި ކުނީގެ ތެރެއިންނެވެ.