އަންނަ މަހުން ފެށިގެން، ހުކުރު ނަމާދު ރާއްޖޭގެ ޓީވީތަކުން ވަގުތުން ދައްކާއިިރު، ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ގެނެސްދޭން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިގޮތަށް ނިންމީ މާލޭގައި ގިނަ އަދަދެއްގެ ބިދޭސީ މުސްލިމުން އުޅޭތީ މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި ހުކުރު ދުވަހުގެ ޚުޠުބާ އިނގިރޭސިން ކިޔުމާއި މެދު އާންމުންގެ ޚިޔާލަށް މިދިޔަ ހުކުރު ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ހުޅުވާލުމަށް ފަހުއެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ޝަހީމު މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓް ބައްދަލުވުމުގައި ޚުޠުބާގެ ކަންކަމުގައި މަޝްވަރާކުރުމަށް ފަހު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ މިސްކިތްތަކުގައި ޚުޠުބާތައް ގެންދާނީ ދިވެހި ބަހުން ކަމަށް ވިދާޅުވިއެވެ.

އަދި ޚުޠުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހައްދަވާނެ ކަމަށާއި، ލައިވްކޮށް ޓީވީން ޚުޠުބާ ގެނެސްދޭ ވަގުތުގައި އިނގިރޭސިން ސަބްޓައިޓަލް އަރާނެ ގޮތަށް އިންތިޒާމްކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، އަންނަ މަހުން ފެށިގެން އެގޮތަށް ޢަމަލު ކުރަން ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިޝާރާތުގެ ބަހުންވެސް ޚުޠުބާ ލައިވްކޮށް ގެނެސްދޭނެ ކަމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން އިޖުތިމާޢީ މިންގަނޑުތަކާއި އަޚުލާޤަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ ޤައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފައްޓަވާނެ ކަމަށެވެ.