ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު، ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

މިއީ މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމުކޮށްގެން މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިން ގައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މި ދަތުރުފުޅުގައި ސީއައިޑީސީއޭ އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމްގައި ތަގުރީރު ކުރެއްވުމަށާއި، ޗައިނާގެ ބައެއް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ އަރިހުގައި މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 އިން 12 އަށް ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.