އަމާާންކަން ޤާއިމު ނުކުރެވުން ބަލައިނުގަނެވޭ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ބަޔާނެއް ނެރެފިއެވެ.
އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އަމާންކަން ގެއްލި، ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން ޤައުމުގައި ޤާއިމު ނުކުރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި އެ ޕާޓީން އަބުރުވެރި ދިރިއުޅުމަކަށް އަބަދުވެސް ވަކާލާތު ކުރާކަމަށާއި ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މާޒީގައި ވެސް ޕީޕީއެމް/ޕީއެންސީގެ ވެރިކަން ބައްޓަންކޮށްފައި ވަނީ އެމްޑީޕީގެ އަސާސްތަކާއި ނުކިއްސަރުކޮށް ކަމަށާއި ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ވެސް މަގުތައް ނާންމާން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އަދި ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ޕީޕީއެމް ސަރުކާރުގައި ވެފައިވާކަމަށްވެސް ބުނެފައިވެއެވެ،
އެމްޑީޕީއަށް ފެންނަ ގޮތުގައި މިހާރުގެ ސަރުކާރުން އަމަލުތައް ހުރީ އޭރު ޕީޕީއެމްގެ ސަރުކާރުގައި އަމަލުތައް ހިނގި ގޮތަށްކަމަށް ބަޔާނުގައިވެއެވެ.
އަދި މިއަދާ ހަމައަށްވެސް ޤައުމުގެ އަމަން ބެލެހުއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ ހިދުމަތަށް އިސްވެރިޔަކު އައްޔަނުކޮށްފައި ނުވާކަންވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
އެހެންކަމުން، އެއީ ފުލުހުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް އޮތް ހުރަހެއްކަމުގައިވެސް ބުނެފައިވެއެވެ.
ފުލުހުންގެ އިދާރާއަށް ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް އެ ޕާޓިން ވަނީ ސަރުކާރަށް ގޮވައިލައިފައެވެ. އެ ބަޔާނުގައި ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައިވެސް ދިވެހިރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރު ކަމަށާއި އަދި އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާ ކަމުގައި ދެކި ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ގާއިމުކޮށްދިނުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވައިލައިފައެވެ.

އެމްޑީޕީ އުވައިލާންޖެހޭ 130 ސަބަބު ވަރަށް އަހަށް ހާމަކުރަނީ!