ރާއްޖޭގެ ޑިފެންސް މިނިސްޓަރު، ޣައްސާން މައުމޫނާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، މުނު މަހާވަރު އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމާ ގުޅޭ ތަފުޞީލެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ.

ނަމަވެސް އިންޑިއަން ހައި ކޮމިޝަންގެ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމާއި ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މިނިސްޓަރާއި ސަފީރާ ދެމެދު ވަރަށް، އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓަރު އިންޑިއާ ސަފީރާއި ބައްދަލުކުރެއްވިއިރު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ، އެ ޤައުމުގެ ސަރުކާރުގައި ރަސްމީކޮށް އެދިފައެވެ.

އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. އެމަނިކުފާނު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި، ރައްޔިތުން އެމަނިކުފާނަށް ދިނީ ރާއްޖޭގެ މިނިވަންކަމަށް ދިން ވޯޓެކެވެ.