ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓާއި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ހިޔާ ފްލެޓުގެ ރައްޔިތުން މަހަކު ދައްކަން ޖެހޭ އަދަދު 3،984 ރުފިޔާއަށް ސަރުކާރުން ވަނީ ކުޑަ ކޮށްދެއްވައިފައެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސް ވަނީ ހިޔާ ފްލެޓްތައް ހަދަން ރައްޔިތުންގެ އަތުން ޚަރަދުވި ރުފިޔާއިން 200،000 ރުފިޔާ އުނިކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، މިހާރު ހަތް އަހަރަށް ރައްޔިތުން ދައްކަން ޖެހެނީ މަހަކު 5،300 ރުފިޔާ ކަމަށާއި، ފިނިޝަން އަށް ދިޔަ ޚަރަދުގެ އެވްރެޖަށް ބަލައި މަހު ކުލި ކުޑަކޮށްފައިވާނެ ކަމަށެވެ.

މި ނިންމުމާއި އެކީ ދެން ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުން މަހަކު ދައްކަން ޖެހޭނީ 3،984 ރުފިޔާއެވެ.

”މިހާރު އޮންނަ ގޮތުން ކުރިއަށް އޮތް 7 އަހަރަށް ދައްކަން ޖެހެނީ 5،300 ރުފިޔާ. އެ ހަތް އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ މަހަކު 3،984.21 ރުފިޔާ. މި އަގަށް ކުޑަވަނީ ކުރިއަށް އޮތް 7 އަހަރު ދުވަހަށް މިހާރު އެގްރީމެންޓަށް އަންނާނެ ބަދަލާއިއެކު. މުއްދަތަކަށް ބަދަލެއް ނާންނާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތަ ކުޑަކޮށްދޭނެ ކަމަށެވެ. އަދި އެވްރެޖްކޮށް މަހަކު ދައްކާ އަދަދުން 4،200 ރުފިޔާ އުނިވާގޮތަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.