ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅައިފައިވާ ފުލެޓުތައް ހެދުމަށް ދިޔަ ޚަރަދު އަނބުރާ ދިނުމަށް ވީ ވަޢުދު ފުއްދުމަށް ހިޔާ ފްލެޓްތަކުން އިތުރު އެއްލައްކަ ރުފިޔާގެ ކުލި މަޢާފު ކުރަން ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ހިޔާ ފުލެޓުތައް ނިންމަން ދިޔަ ޚަރަދު އަނބުރާ ދިނުމަށް ވީ ވަޢުދު ފުއްދުމުގެ ގޮތުން ހިޔާ ކޮންމެ ފުލެޓެއްގެ ކުލިން 200،000 ރުފިޔާ އުނި ކުރަން ނިންމައިފައެވެ.
އަދި ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،984 ރުފިޔާ ކަމަށް ނިންމެވިކަން އިއްޔެ ހާމަކުރެއްވިއެވެ.
ނަމަވެސް ހަތް އަހަރަށް އެ ފައިސާ އުނިކުރުމުން ދެ ލައްކަ ރުފިޔާ ހަމ ނުވާތީ، އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ވެވަޑައިގެންނެވި ރިޔާސީ ވަޢުދު ފުއްދުމަށް ހިޔާ ފުލެޓުތަކުގެ ޖުމްލަ ކުލިން އިތުރު އެއް ލައްކަ ރުފިޔާ ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި މިއީ ކުލި ކުޑަކުރުމުގެ އިތުރުން ސަރުކާރުން ދެއްވާ ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ލުޔާއެކު ކުރިން ޖުމްލަ ކުލި ދައްކަން ޖެހޭ މުއްދަތު 27 އަހަރުން 26 އަހަރާއި ތިން މަހަށް ކުރުވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
އަދި މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީން ފެށިގެން ކަމަށް ފަޒުލް ވިދާޅުވިއެވެ.

