ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމާއި ގުޅުން ހުރި މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި، ކުރެވެން ހުރި ހުރިހައި ކަމެއް އާބަންކޯ އިން ކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ވިނަރެސް ފްލެޓްތަކުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށްފަހުގައި ފަޒުލް ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވައިފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ގެނައުމަށް އާބަންކޯއިން ކިހައި ވަރަކަށް މަސައްކަތް ކުރާނެތޯ ނޫޫސްވެރިޔަކު ސުވާލު ކުރުމުން ޕީޕީއެމް/ޕީއެންސީގެ ސަރުކާރަށް އިޝާރާތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު، ފަޒުލް ވިދާޅުވީ އެ ކޯލިޝަނުގެ ސަރުކާރުން އަބަދުވެސް އަންނަނީ ”ޙައްލާއި، ތަރައްޤީ ހިފައިގެން“ ކަމަށެވެ.
”ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، ރައީސް މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި، ކުރެވެން އޮތް ހުރިހައި ކަމެއް، އާބަންކޯ އާއި އާބަންކޯގެ މެނޭޖްމަންޓު މަސައްކަތް ކުރާނެ. މީގަ ތަފާތަކަށް މި އަންނަނީ، އަޅުގަނޑުމެން މި އަންނަނީ އަބަދުވެސް ޙައްލު ހިފައިގެން. އަޅުގަނޑުމެން މި އަންނަނީ އަބަދުވެސް ތަރައްޤީ ހިފައިގެން. އެހެންވީމަ، އަޅުގަނޑުމެންގެ ޓްރެކް ރިކޯޑަކީ ޑެލިވަރ ކުރާ ޓްރެކް ރިކޯޑެއް. ރައީީސް ޑރ.މުޢިއްޒުގެ ވެރިކަމުގައި، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޑެލިވަރ ކުރާނަން. އެޗްޑީސީ، ނޫނީ އާބަންކޯ، އިރާދަކުރެއްވިއްޔާ، ޑެލިވަރ ކުރާނަން.“ ފަޒުލް ވިދާޅުވިއެވެ.
މީގެއިތުރުން ފަޒުލް ވިދާޅުވީ، ވިޔަފާރިތަކަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށާއި، ހުއްޓިފައިވާ މަޝްރޫޢުތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

