ބަޔަކު ޕާޓީއެއް ހެދުމަކީ ޕީޕީއެމް އާއި ޕީއެންސީ އަށް މިހައިތަނަށް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓު ބައްދަލުވުމަށް ފަހުގައި، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެއްވެސް މީހަކު ނުގެއްލޭ ކަމަށެވެ.

 

އޭގެ ބަދަލުގައި އެ ކޯލިޝަނަށް މީހުން އިތުރުވަމުން އަންނައިރު ވަކި ޕާޓީއެއް އުފައްދައިގެން އޭގެ އަސަރު ވެސް އެ ކޯލިޝަނަށް ރަމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

”ޕީއެންސީ ވެރިކަމަށް އައިއިރު 3،022 މީހުން ޕާޓިގަ ތިބީ. މިއަދު އިލެކްޝަންގެ ދަފުތަރަށް ބައްލަވައިލައިފިއްޔާ ފެނިވަޑައިގަންނަވާނެ އިތުރުވެފަ ހުރި މިންވަރު. އެހެންވީމާ އަޅުގަނޑުމެންގެ ކޯލިޝަނަކަށެއް އަދި ވަކި ޕާޓީއެއް އުފައްދައިގެން އެ އަކުންނެއް އިރާދަކުރެއްވިއްޔާ އަސަރެއް ނުކުރޭ.“

ޢަބްދުއްރަޙީމް މިހެން ވިދާޅުވިއިރު، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީން ވަނީ އެ ކޯލިޝަނުން ވަކިވެވަޑައިގެންފައެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ މުޅިން އައު ސިޔާސީ ޕާޓީއެއް ވުޖޫދު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.