އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އޮންލައިންކޮށް ސުވާލުކުރެވޭނެ ގޮތް އެ ކުންފުނީގެ ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް، އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ AskMD@urbanco.mv މެދުވެރިކޮށް ސީދާ ފަޒުލްއަށް ސުވާލުތައް ފޮނުވޭނެ ކަމަށެވެ.
އަދި ޝަކުވާވެސް ހުށަހެޅޭނެ ކަމަށް އާބަންކޯ އިން ބުނެއެވެ. މި ޝަކުވާތަކި، ސުވާލުތަކަށް ފަޒުލް ޖަވާބު ދެއްވާނެ ކަމަށް ވެސް އަރބަންކޯއިން ބުނެއެވެ.
މަޤާމާއި ޙަވާލުވެވަޑައިގެންނެވި ފަހުން ފަޒުލް ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ޒިޔާރާތް ކުރައްވައި، އެތަނުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ޝަކުވާތައް އަޑު އައްސަވައިފައެވެ. އަދި އިއްޔެ ވިނަރެސް ފްލެޓްތަކަށް ޒިޔާރަތް ކުރައްވައި، އެ ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވައިލެއްވިއެވެ.
އެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުން ވެސް، އިއްޔެގެ ޒިޔާރަތުގައި އެމްޑީ ފަޒުލް މަޝްވަރާ ވެސް ކުރައްވައިފައިވެއެވެ.

ފަޒުލް އިއްޔެ ވަނީ ހިޔާ ފްލެޓްތަކުގެ ކުލިން އިތުރު އެއްލައްކަ ރުފިޔާ ސަރުކާރުން މަޢާފު ކޮށްދެއްވިކަން ހާމަކުރައްވައިފައެވެ.  އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ވެވަޑައިގެންނެވި ރިޔާސީ ވަޢުދު ފުއްދުމަށް ހިޔާ ފުލެޓުތަކުގެ ޖުމްލަ ކުލިން އިތުރު އެއް ލައްކަ ރުފިޔާ ކަނޑާލަން ނިންމައިފައިވާ ކަމަށެވެ. އަދި  މިއީ ކުލި ކުޑަކުރުމުގެ އިތުރުން ސަރުކާރުން ދެއްވާ ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލުޔާއެކު ކުރިން ޖުމްލަ ކުލި ދައްކަން ޖެހޭ މުއްދަތު 27 އަހަރުން 26 އަހަރާއި ތިން މަހަށް ކުރުވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

އަދި މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީން ފެށިގެން ކަމަށް ފަޒުލް ވިދާޅުވިއެވެ.