މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މަސްވެރިންނަށް ފައިސާ ލިބުން ލަސްވާ މައްސަލަ ޙައްލު ކުރުމަށް މިރޭ މަސްވެރިންނަށް 106 މިލިއަން ރުފިޔާ ދެވޭނެ އިންތިޒާމް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މިކަން ހާމަކުރެއްވީ ފިޝަރީީޒް މިނިސްޓަރު އަޙުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ، މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުން ކަމަށާއި، މަސްވެެރި ޢާއިލާތަކުގެ ޒަރޫރީ އެތައް ކަމަކަށް މިލަހުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައި ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ޙައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުން. އެކަމަށް ހުރި ހިރާސްތައް ނައްތާލެއްވުމުގެ މަސައްކަތްޕުޅު ބާރަށް ކުރިޔަށް އެބަގެންދަވާ. 106 މިލިއަން ރުފިޔާ މިރޭ މަސްވެރިންނަށް ދެވޭނެ އިންތިޒާމުވެސް މިހާރުވަނީ ރައީސް ހަމަޖައްސަވާފައި.“ މިނިސްޓަރު ވިދާޅުވިއެވެ.
މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވާ ލަސްވުން. މަސްވެެރި އާއިލާ ތަކުގެ ޒަރޫރީ އެތައް ކަމަކަށް މިލަހުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައި. ރައީސުލްޖުމްހޫރއްޔާ ގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް… pic.twitter.com/FC4aPvy6Yz
— Ahmed Shiyam (@Shiyamaldives) December 7, 2023
ޝިޔާމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދާއިމީ ޖުމްލަ ހައްލެއް މިކަމަށް ހޯދުން ކަމަށެވެ.
އައު ސަރުކާރު ޙަވާލުވީއިރު، މަސްވެރިންނަށް ފައިސާ ނުދޭތާ ދެ މަހަށްވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފައެވެ.
އެހެންކަމުން، މަސްވެރިންނަށް ނުދީހުރި ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ މި ސަރުކާރުން ވަނީ ފުރަތަމަ ހަފްތާގައި ދީފައެވެ.
މިނިސްޓަރު ކުރިން ވިދާޅުވި ގޮތުގައި، މަސްވެރިންނަށް ފައިސާ ނުދެވި ހުރި މައިގަނޑު ސަބަބަކީ މަސް ގަންނަ އަގު ކިލޯ އަކުން އަށް ރުފިޔާ ވަރު މަތި ކުރުން ކަމަށެވެ.
ނަމަވެސް މި ވަގުތު މަހުގެ އަގު ދަށް ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމުގައި ވިޔަސް، އެހެން ފަރާތްތަކާއެކު މަޝްވަރާކޮށްގެން ދަތިނުވެ ފައިސާ ދެވޭނެ އަގެއްގައި ހިފެއްޓޭނެ ކަމަށް ވެސް މިނިސްޓަރު ކުރިން ވިދާޅުވިއެވެ.
