އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުން އަންނަ ސިލްސިލާ މާރާމާރީތަކާ ގުޅޭ އިތުރު ހަތިޔާރު ފުލުހުން ހޯދައިފިއެވެ.
އައްޑޫ ސިޓީގައި މި މަހުގެ އެއް ވަނަ ދުވަހާއި މިދިޔަ އާދިއްތަ ދުވަހު ހިންގި ގްރޫޕު މާރާމާރީތަކާ ގުޅިގެން، ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް ޚާއްޞަ މަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ.
އެގޮތުން ތަންތަން ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުން ކުރާ އެހެނިހެން ތަކެތި ފެނިފައި ވަނީ އުސްގަނޑު ބީޗުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައި ވަނިކޮށް ކަމަށެވެ.
އެ ތަނުން ހޯދި ތަކެތީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރިކަމަށް ބެލެވޭ ތޫނު ހަތިޔާރު، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކު، އަންގި، އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫ މާރާމާރީތަކާ ގުޅިގެން މިހައިތަނަށް 12 މީހަކު ހައްޔަރު ކުރި އިރު، އެކަކު ވަނީ ދޫކޮށްލައިފައެވެ.

