ފުވައްމުލައް ސިޓީގައި، ސައިކަލަކާއިއެކުގައި ވެއްޓިފައި އޮތް ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ރޭ ދަންވަރު 03:40 ހާއިރު ފުވައްމުލަކުގައި ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު ސައިކަލަކާ އެކު ވެއްޓިފައި އޮތް ކުއްޖެއް ފެނިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ފެނުނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ކުއްޖާގެ ޙާލު ސީރިއަށް ކަމަށެވެ.
މި މައްސަލަ ތަހުޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް އިތުރު ކަމެއް ހާމައެއް ނުކުރެއެވެ.

