ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބިޔަ އެއް މަޝްރޫޢު ކަމުގައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު، ދައުލަތުގެ ބަޖެޓުން އުނި ކުރަން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލިސް ކޮމިޓީން ނިންމި ނިންމުމަކީ، ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުއްމީދުތަކުގައި ކޮޅުފައިން ޖެހުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެމްޑީ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

 

ަހަމްދާން މިހެން ވިދާޅުވީ، މިއަދު އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިއިރު، ފުށިދިއްގަރު ފަޅު ހިއްކަން 400 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
އެ މަޝްރޫޢުއަށް ހޭދަކުރުމަށް ކުރިން ނިންމި ފައިސާ  އެހެން ކަންކަމަށް ޚަރަދު ކުރަން ބަޖެޓު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މި މަޝްރޫޢު ބަޖެޓުން އުނިކުރިއިރު،  ރައީސް މުޢިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ފުށިދިއްގަރު ފަޅު ހިއްްކުމުގެ ޢަމަލީ މަސައްކަތް ފެށުންވެސް ހިމެނެއެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ ޕްރޮޖެކްޓް އުނިކޮށް އެ ކޮމިޓީން ވަނީ ރާއްޖޭގެ ދެކުނުން ކަނޑުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމަށް ކުރާ މަސައްކަތައް 10 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ.

ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަކީ އައު ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.