އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ފުޑް ކޯޓު ސަރަހައްދުގެ މަގު ބަންދުކުރުމާއި ގުޅިގެން ބަސް ރޫޓަށް ބަދަލު ގެނެސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މިގޮތުން އާރް 11 (އަމީނީ ރޫޓް) ގެ ދަތުރުތައް އަމީނީ މަގުންގޮސް ހަނދުވަރީ ހިނގުމުން، އެޅުމަށްފަހު މަޖިދީ މަގަށް އަޅައިގެން ދަތުރުކުރުމަށް ވަނީ ނިންމައިފައެވެ. އަދި އާރް 10 (އޯކިޑް ރޫޓް) ގެ ދަތުރުތައް މަޖީދީ މަގުންގޮސް ވެސްޓް ޕާކް ބަސް ހުއްޓިން އަނބުރާލާ ގޮތަށް ވަނީ ނިންމައިފައެވެ.
އާރް 1 އަދި އާރް 3 ގެ ދަތުރުތައް ފަށާ ބަސް ހުއްޓިކަމަށްވާ، އާރް 7 ގެ ބަސް ދަތުރު ހުއްޓާ އެންމެ ފަހު ބަސް ހުއްޓިއަކީ މާފަންނު ބަސް ޓާމިނަލްއެވެ.
އަމީނީ މަގުގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، މިއަދު ފަށައިފައިވާއިރު، ދިވެހިރާއްޖޭގެ އަޑު ބިލްޑިންއާއި ހަމައިން ފެށިގެން އަމީނީ މަގުން ހުޅަނގަށް އޮންނަ ބައި އެއްކޮށް ވަނީ ބަންދުކޮށްފައެވެެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތަރައްޤީކުރުން ހިމެނެއެވެ.
މި މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކުންފުންޏާ ޙަވާލުކުރެއްވީ 84.4 މިލިޔަން ރުފިޔާއަށެވެ.
