ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް) ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އެ ޕާޓީގެ މެމްބަރަކު، އެކަމުގައި ބައިވެރިވުމަށް ރައީީސް ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގަންނަވާ ކަމަށް، އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު ވިދާޅުވީ، ޕީއެންއެފް ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަން(އީސީ) އަށް ހުށަހެޅުން ލަސްވަނީ އެ ކޮމިޝަނުގައި އޮންލައިން ޕޯޓަލްއަށް އެކްސެސް ނުލިބިގެން ކަމަށާއި، މިހާރުވެސް ޕާޓީއާއި ގުޅެން ބޭނުންވާ 3،000 މެމްބަރުން ހަމަ ވެފައިވާއިރު، ފޯމުތައް އެކި ހިސާބުތަކުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕާޓީ އުފެއްދުމުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ބައިވެރިވުން ވެސް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ވަރަށް އަވަހަށް ޕާޓީ އުފައްދަން ހުށަހަޅުއްވާނެ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

ޕީއެންއެފް އިން ބޭނުން ކުރާ ކުލަ އަކީ، ރައީީސް ޔާމީން ކުރިން އުފެއްދެވި ޕީޕަލްސް އެލަޔަންސް(ޕީއޭ) ގެ ވެސް ކުލަ ކަމަށްވާ ދަނބު ކުލައެވެ. އެ ޕާޓީގެ މުއައްސިސަކީ ރައީީސް ޔާމީންގެ ދޮށީ ދަރިކަލުން ޒޭން ޔާމީންއެވެ.