”ގެދޮރުވެރިޔާ ސްކީމް“ގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓްތައް ދޫކުރުމުގެ މައްސަލައިގެ ތަހުޤީޤަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދީފިއެވެ.
އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ، ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިޢުލާނު ކުރި 4000 ފުލެޓާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހުޤީގުގެ ބޭނުމަށް، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން އެކޮމިޝަނަށް މިހާރު ދީފައިވާ ކަމަށެވެ.
ޕޯޓަލްގެ އެކްސެސް ދިނުމާއެކު، މައްސަލައިގެ ތަހުޤީގުގައި އިތުރަށް ބަލައި ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަން ފެށިގެން ކުރިއަށް ދާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން މައްސަލައިގެ ތަހުޤީގު ކުރިއަށްދާ މިންވަރަކުން ތަހުޤީގަށް ހުރަސްނޭޅޭގޮތަށް މައްސަލައާ ގުޅޭ މައުލޫމާތު މީޑިއާއަށް ހިއްސާކުރަމުން ގެންދާނެކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
”ގެދޮރުވެރިޔާ ސްކީމު“ ގެ ދަށުން ފުރަތަމަ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓް އާންމުކުރުމާ އެކުގައި، ޕޮއިންޓް ދީފައި ހުރި ގޮތާއިމެދު އާއްމުންގެ ބޮޑެތި ކަންބޮޑުވުންތައް ހުރުމުން، ފްލެޓް ދޫކުރުމުގެ ކަންކަން މަޑުޖައްސައިލަން އޭސީސީން އެންގިއެވެ.
