އަންހެނުން ދަރިމައިވުމަށް ހުރަސް އަޅާ ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސްގެ ފަރުވާ އާސައިންގެ ދަށުން ދޭގޮތަށް ސަރުކާރުން ނިންމަވައިފިއެވެ.
މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ރައީީސް އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަވައި، އެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ، މުޙައްމަދު ފިރުޒުލް ވިދާޅުވީ ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސްގެ ފަރުވާގެ ފުލް ހަމަޖައްސައިދިނުމަށް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
”މި މަޝްވަރާގެ ތެރެއިން ނިންމިފައި ވަނީ، މި ދެންނެވި ބަލިތަކުގެ ފަރުވާތައް، އާސަންދައިގެ ތެރެއިން، ފުލް ކަވަރޭޖް ލިބޭގޮތަށް ހަމަޖެއްސުމަށް.“ ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ، މިއީ ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާއެއްގެ ގޮތުގައި، އައިވީއެފް ޓްރީޓްމަންޓް އާސައިންގެ ދަށުން ހޯދޭނެ ގޮތަށް ނިންމެވި ނިންމެވުމަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށެވެ.
ފިރުޒުލް ވިދާޅުވީ ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސްއަށް އާއްމު ރައްޔިތުންނާއި، ސިއްޙީ ޚިދުމަތްތެރީން ހޭލުންތެރިކުރުވުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ ކުރިން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އާސަންދަ ސްކީމްގެ ޤަވާއިދު އިސްލާހުކޮށް، ގެޒެޓުކުރާނެ ކަމަށާއި އައިވީއެފަށް ޚާއްޞަށް އުސޫލެއް ހަދާނެ ކަމަށެވެ.
އެގޮތުން އައިވީއެފް، އައިޔޫއައި ހިދުމަތް ދެވޭގޮތް އިއުލާން ކުރާނެ ކަމަށާއި ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުން ވެސް މި ޚިދުމަތް ދެވޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކު ދަރިމައިވުމުގެ ފަރުވާތައް ހަރުދަނާކުރަން އައިޖީއެމްއެޗްގައި ހުރި ފާޓިލިޓީ ކެއަރ ސެންޓަރު ފުޅާކުރާނެ ކަމަށާއި އަދި އެކަމަށް ޚާއްްޞަ ސެންޓަރެއް ޤާއިމު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގައި އާސަންދައިގެ ދަށުން އައިވީއެފް ހެދޭނެ ހޮސްޕިޓަލްތައް ހަމަޖައްސާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

