ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަން ފާހަގަކޮށް، ފިޔާ އަގުބޮޑުކޮށް ނުވިއްކުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
އެ މިނިސްޓްރީން މިހެން ބުނީ، އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މެދުކަނޑައިލުމާއި ގުޅިގެން ރާއްޖެއަށް ފިޔާ ލިބުން ދަތިވެދާނެ ކަމަށް ބުނެ، ވިޔަފާރިވެރިން ފިޔާ އަގުބޮޑު ކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މިނިސްޓްރީން ބުނީ، ފިޔާ އަގުބޮޑުކޮށް ވިއްކާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަން ބަލައި ކަންތައްތަކެއް ފާހަގަ ކުރެވުނު ކަމަށެވެ.
އެގޮތުން މޫސުމީ ގޮތުން މި ވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ބައެއް ޤައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވީ ނަމަވެސް، ދިވެހި ރައްޔިތުންނަށް ފިޔާ ލިބުމުގައި ދަތިކަމެއް ދިމާވާނެ ފަދަ އެއްވެސް ފިޔަވަޅެއް އެ ޤައުމުން އަޅާފައި ނުވާ ކަަމށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބެލިބެލުމުން އެނގުނު ގޮތުގައި ރާއްޖޭގައި ތިބި ވިޔަފާރިވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ އިމްޕޯޓް ކުރަމުންދާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ނަމަވެސް 23 ވިޔަފާރިއަކުން އަގުބަލައި ކުރި ދިރާސާއިން އެނގުނު ގޮތުގައި މިދިޔަ މަހުގެ 23 އިން ފެށިގެން މިއަދާ ހަމައަށް ބާޒާރުގައި 20 ޕަސެންޓާއި 50 ޕަސެންޓާ ދެމެދު ފިޔާގެ އަގު އުފުލިފައިވާ ކަަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން މި ވަގުތު ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި ކުރިއަށް އޮތްތަނުގައި ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ އެކަމަކަށް އެކަށޭނެ ހައްލެއް ސަރުކާރުން ހޯދައިދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި އާންމުންނަށް ދަތި ނުވާ ގޮތަށް ފިޔާ އަގު ބޮޑުކޮށް ނުވިއްކުމަށް ވިޔަފާރިވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 30 ރުފިޔާ އާއި 40 ރުފިޔާއާ ދެމެދު އަގުތަކަށް ވަނީ އުފުލިފައެވެ. މީގެ ކުރިން 400 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާގެ އަގުވެސް ވަނީ 550 ރުފިޔާއާއި 700 ރުފިޔާއަށް އުފުލިފައެވެ.

