މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަށާއި އެދަފުތަރުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލައި، ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުމަކީ ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައިވެސް ހިމަނާފައިވާ ކަމެކެވެ.

މި ދަފްތަރުގައި ބައިވެރިވާން ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ހުޅުވާލުމަށް ވަނީ ނިންމައިފައެވެ.

ރައީސް އޮފީހުން ބުނީ މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމެއްގެ ގޮތުގައި މި ކަރުދާހުގައި ފާހަގަކޮށްފައިވަނީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީ ވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތް ދަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުން ކަމަށެވެ.

އަދި މިފަދަ ދަފްތަރެއް އޮތުމަކީ މަސްވެރިން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދަޢުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާޢީ ރައްކާތެރިކަމާއި ސަބްސިޑީފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮންމެހެން މުހިންމު ކަމެއްކަމުގައި ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހުގައިވެއެވެ.

މަސްވެރިކަމާބެހޭ ޤާނޫނުގެ ދަށުން މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް ކަނޑައަޅާފައި އޮތްނަމަވެސް މިހާތަނަށް އެފަދަ ދަފުތަރެއް އެކުލަވާލާފައި ނުވާކަންވެސް މި ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ. އަދި މިހާތަނަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ބޮޑަށް ބަލަހައްޓަމުން ގެންދިޔައީ ކަނޑުމަހުގެ މަސްވެރިކަމުގެ މަޢުލޫމާތުކަމަށާއި ފަރުމަސްވެރިކަމުގެ ހަރަކާތްތަކާއި އުޅަނދުތަކުގެ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންދެވިފައިނުވާކަން ވެސް ފާހަގަކޮށްފައިވެއެވެ.