ރާއްޖެއިން ބޭރުގެ ތިން ޤައުމަކަށް އައު ސަފީރުން އައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ރައީސް ޑރ. މުޢިއްޒުގެ ސިޓީފުޅު އިއްވައިފައެވެ. އެ ސިޓީގައި ވަނީ، އެމްބެސެޑަރ އެޓް ލާޖް މުޖހައްމަދު ޙުސެއިން ޝަރީފް (މުންދު) ޔޫއޭއީގެ ސަފީރުުކަމަށް އައްޔަން ކުރަން ނިންމަވާފައިވާ ކަމަށެވެ.

ޚާރިޖީ ދާއިރާގެ 20 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މުންދު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި، އޮފީހުގެ މިނިސްޓަރު ކަމުގެ އިތުރުން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފައެވެ.

ޔޫކޭގައި ހުންނަވާ ދިވެހި ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ހަމަޖައްސަވަން ރައީސް ނިންމެވިއިރު، އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް އައްޔަން ކުރައްވަނީ ކުރީގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރު މުޙައްމަދު (އަލިނީ) އެވެ.