އެމްޑީޕީގެ ސަރުކާރަށް އެމްއެމްއޭއިން ފައިސާ ޗާޕުކުރުން ދިން ހުއްދައިގެ މުއްދަތު އިތުރު ކުރަން ބޭނުން ނުވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤު ރައްޔިތުންގެ މަޖިލީހަށް އަންގަވައިފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންވެސް ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިޤްތިޞާދަށާއި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށް ބުނެ، ފައިސާ ޗާޕު ކުރުމަށް ދިން ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅައިފައެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދަ، 26 އޭޕްރީލް 2022 އިން ފެށިގެން އިތުރު 1 އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކޮށްދިނުމަށް ވަނީ އެދިފައެވެ.
އެހެންނަމަވެސް ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ބަޔާން ކޮށްފައިވާ އެއްވެސް ހާލަތެއް މިހާރު ނެތް ކަމަށެވެ.
އެހެންކަމުން އެ ޤަަނޫނުގެ 32 ވަނަ މާއްދާގެ ހ. ރ. އަދި ބ. އަށް ގެނެވުނު އިސްތިސްނާކުރުން ޖެނުއަރީ 1، 2024 އިން ފެށިގެން ނިމުމަކަށް ގެނެސް އެ ޤާނޫނު ފުރިހަމައަށް އިއާދަ ކުރެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
މިނިސްޓަރުގެ ސިޓީގައި 2024 ވަނަ އަހަރުގެ ބަޖެޓުގެ ފައިނޭންސިން ޕްލޭންގައި ހިމަނާފައިވާ ފަދައިން، އިސްތިސްނާގެ މުއްދަތު ހަމަވާއިރު، ޕަބްލިކް ބޭންކް އެކައުންޓު އޯވަޑްރޯވެފައިވާ މިންވަރު އެއްކޮށް ސެކިއިރަޓައިޒްކޮށް އެމްއެމްއޭއިން ސަރުކާރަށް އިޝޫކުރާ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.

