ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮރިން ސެކްރެޓަރީގެ މަޤާމަށް ފާޠިމަތު ޢިނާޔާ، މައްޗަންގޮޅި ރެސްޓިންގހައުސް، މިއަދު ޢައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.
އެކަމަނާއަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ފާޠިމަތު ޢިނާޔާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަޤާމުގައެވެ.
އެކަމަނާ ފޮރިން ސެކްރެޓަރީގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފޮރިން ސެކްރެޓަރީގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ.
އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ހިންގެވުން ވެސް އަންހެން ބޭފުޅުންނާއި ޙަވާލު ކުރައްވައިފައިވެއެވެ.

