ޅަފަތުގައި ދަރިއަކު މި ދުނިޔެއާއި ވަކިވެގެން ދިޔުމަކީ، މަންމަ އަކާއި ބައްޕައަށް ލިބޭނެ އެންމެ ބޮޑު ހިތާމައެވެ. އެކަމުގެ ވޭން އިޙްސާސް ކުރެވޭނީ އެކަން ތަޖުރިބާ ކުރެވުނު މީހަކަށް އެކަނިކަމާއިމެދުގައި ޝައްކެއް ނެތެވެ.
ޝެއިޚް އާދަމް ޝަމީމް އާއްމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، ޅަފަތުގައި ނިޔާވާ ކުދިންނަކީ މާތް ރަސްކަލާނގެ، ޖަންނަތުގައި ލައްވައިފައިވާ ޖަވާހިރުންގެ ގޮތުގައި ސިފަ ކުރައްވައިފައިވާ ކަމަށެވެ.
މުއުމިނުން ޖަންނަތަށް ވަންނަ ހިނދު، އެބައިމީހުންނަށް އިސްތިޤްބާލު ކުރަން މާތް ރަސްކަލާނގެ ލައްވައިފައި ވަނީ މުއުމިނުންގެ ކުޑަ ކުދިން ކަމަށެވެ.
”މީހަކަށް ދަރިން ލިބުމަކީ ވަރަށް ބޮޑު ނިޢުމަތެއް، އަދި ދަރިފުޅަކު ކުޑައިރުގަ ނޫނީ، ލަފަތުގަ ގެންދެވުމަކީ ވެސް، ވަރަށް ބޮޑު ނިޢުމަތެއް، އަޅުގަނޑުމެން ދެރަވާނެ. ނަމަވެސް އެއީ ވަރަށް ބޮޑު ނިޢުމަތެއް.“ ޝެއިޚް ވިދާޅުވިއެވެ.
ސަބަބެއް ކަމުގައި ޝެއިޚް ވިދާޅުވީ، ނިޔާވި ދަރިފުޅު މަންމަ އާއި ބައްޕަގެ އިންތިޒާރުގައި، ސުވަރުގޭގެ ދޮރުކޮޅެއްގެ ކުރިމަތީގައި މަޑު ކުރުމެވެ. އެހެންކަމުން، މަންމަ އާއި ބައްޕަ އަކީ މުއުމިނުން ކަމުގައި ވެއްޖެނަމަ، ޅަފަތުގައި ވަކިވާ ދަރީން މައިންބަފައިން ޖަންނަތަށް ވެއްދުމަށްޓަކައި، ޝަފާޢަތްތެރިވެ، މާތް ރަސްކަލާނގެ ހަޟްރަތުގައި އާދޭސް ދަންނަވާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ. އަދި މާތް ރަސްކަލާނގެ އެ ކުދިންގެ އެ ދެންނެވުން ޤަބޫލު ކުރައްވަވާނެ ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.

