ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް އާއި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު، ވަނީ ދެ ޤައުމުގެ ދޭތެރޭ އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމާއި ފަތުރުވެރިކަމާއި ވިޔަފާރިއާއި މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން، މި ދެ ބޭފުޅުން ވަނީ ދެޤައުމު ގުޅިގެން ޒުވާނުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު ވަނީ އެ ޤައުމުގެ އަމިއްލަ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަން ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބުގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ އެކުގައި މަސައްކަތް ކުރުމަށާއި ދެ ޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ ފުރިހަމަ އަޒުމުގައެވެ.
ދިވެހިރާއްޖެއާއި ނެދަލެންޑްސްއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1979 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ.

