މާލެ ސިޓީގެ މޭޔަރު ކަމަށް، އަމިއްލަ ގޮތުން ވާދަ ކުރައްވަވާ، ކުރީގެ ޕޮލިސް ކޮމިޝަނަރު، ޙުސައިން ވަހީދުގެ ކެންޑިޑެސީ ފޯމު، އިލެކްޝަންސް ކޮމިޝަން(އީސީ)އިން ބަލައިގެންފިއެވެ.

ޙުސައިން އަކީ ޕީޕީއެމް/ޕީއެންސީ އިން ވަކިވެވަޑައިގެންނެވި، އެ ކޯލިޝަންގެ ކުރީގެ ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް ތާއީދު ކުރައްވާ ކެންޑިޑޭޓެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޙާބުގައި ޙުސައިން އަމިއްލަ ގޮތުން ވާދަ ކުރައްވަވަނީ، ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް) އަދި ރަޖިސްޓްރީ ނުކުރެވޭތީއެވެ.

އީސީން ކެންޑިޑެސީ ފޯމު ބަލައިގެންފައިވާކަން ފާހަގަކުރައްވައި، ޙުސައިން ވިދާޅުވީ އޭނާ ވެވަޑައިގަންނަވާނީ ބަހާއި ޢަމަލު ދިމާވާ، ރައްޔިތުންގެ ލޯބި ލިބިފައިވާ މޭޔަރަކަށް ކަމަށެވެ. ”މާ ނަލަ“ މާލެ ސިޓީއަކަށް، އެންމެން އޭނާއަށް ވޯޓު ދިނުމަށް ވެސް ޙުސައިން އެދިވަޑައިގަތެވެ.

މާލޭގެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީ އިން ވާދަ ކުރައްވަނީ އައިޝަތު އާޒިމާ ޝަކޫރެވެ. ޑިމޮކްރެޓްސް އިން ވާދަ ކުރައްވަނީ ސައިފް ފާތިހުއެވެ.