ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާ އިދިކޮޅު އެމްޑީޕީގެ މެމްބަރަކު، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވަޒީފާގައި ދެމިހުންނަވަން ހެލްތު މިނިސްޓްރީ އާއިއެކު، ހެއްދެވި ކޮންޓްރެކްޓް ބާތިލު ކުރަން ގޮވައިލައްވައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައިވަނީ، އެ ކަމަނާއަށް ފުރައްސާރަ ކުރަން ނޫން އެހެން ގޮތެއްގައި ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ، ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަޤާމުގައި ހުންނެވި ސާޖިދާގެ ފަންނީ އެހީތެރިކަން ބޭނުންވާކަން ފާހަގަކޮށް، ކޮންޓްރެކްޓް އުސޫލުން އެ ކަމަނާގެ ކޮންސަލްޓެންސީ ލިބޭނެ ގޮތް ހަދައިދޭން ހެލްތު މިނިސްޓްރީން ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގައި އެދިވަޑައިގަތުމުން، އެކަން ހަމަޖައްސަވައިދިނީ ޤަަނޫނާއި ޚިލާފަށް ކަމަށް ވިދާޅުވެ، އެއްބަސްވުން ބާޠިލު ކުރަން ގޮވައިލައި ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
އީވާ ވަނީ، 55 މެމްބަރުން ތިއްބެވި ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ހުރިއިރު، މިވަގުތު އެ މަސައްކަތްތަކަށް އިސްކަން ނުދީ، ފަސްޓްލޭޑީ ވަޒީފާގައި ދެމިހުންނަވާ މައްސަލައަށް އިސްކަން ދިނުމަކީ ޒާތީވުން ކަމުގައި ސިފަ ކުރައްވައިފައެވެ.
އޭނާ ވިދާޅުވީ، މިކަމުގައި ކުރިއަށް ދާންވީ ގޮތެއް ސިވިލް ސަރވިސް ކޮމިޝަނުން ވިސްނަންޖެހޭ ކަމަށާއި، މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ވެސް މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެހެންކަމުން، ކުއްލިއަކަށް މުޅި ޤައުމާއި ރައްޔިތުންގެ ސަމާލުކަމަށް މިކަން ގެނެސް، ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން މަޖިލީހަށް ހުށަހަޅަން ޖެހޭ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށް އީވާ ވިދާޅުވިއެވެ.
”ދުރާލައި ވިސްނައިގެން، ތޯޓްފުލް ޑިސްކަޝަނެއް ހިންގައިގެން ޙައްލެއް ހޯދަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭ. ވެރިކަން ކުރާ މީހާގެ ސްޕައުސް މަސައްކަތް ކުރަންވީ، ނުވަތަ ވަޒީފާ އަދާކުރަންވީ، އާމްދަނީ ހޯދަންވީ ކޮން ގޮތަކަށްތޯ، އެއީ ވިސްނަންޖެހޭ ކަމެއް.“ އޭނާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އުމުރު ދުވަހު މަސައްކަތެއް ކުރަމުން އައި މީހަކު، އެކަމެއް ހުއްޓައިލަން ޖެހުމުން، އެކަން ކުރަން އުނދަގުލެއް ހުރެދާނެ ކަމަށެވެ. އަދި ފަސްޓްލޭޑީއަކަށް ވުމުން، އަދާ ކުރައްވަމުން ދިޔަ ވަޒީފާ ތާ އަބަދަށް ގެއްލެންވީތޯ ވެސް ވިސްނައިލުން މުހިންމުކަން އީވާ ފާހަގަކުރެއްވިއެވެ.
”އެކަމަކު މިތަނަށް ކުއްލި މައްސަލައެއްގެ ގޮތުގައި، އެމްޑީޕީގެ 55 މެމްބަރުން ތިބޭއިރު، މިއޮތް ބޮޑު މެޖޯރިޓީ އޮތްއިރު، ކުރަންހުރި އެތައް މަސައްކަތެއް އޮއްވާ، މިތަނަށް މި މައްސަލަ މިގޮތަށް ލައިގެން މިކަން މި ކުރަނީ ކަނޑައެޅިގެން ހަމަ ފަސްޓްލޭޑީއަށް މިވަގުތު ފުރައްސާރަ ކުރަން ނޫން ގޮތަކަށް ކަމަކަށް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ސިފައެއް ނުވި. މިއަށްވުރެ މާ މުހިންމު ކަންކަން އެބަހުރި ބަލަން.“
އެމްޑީޕީގެ މެމްބަރު ޔައުޤޫބު މިފަދަ ކުއްލި މައްސަލައެއް ހުށަހެޅުއްވިއިރު، ސާޖިދާއަށް މަހަކު ގިނަވެގެން ލިބިވަޑައިގަންނަވާނީ 3000 ރުފިޔާ، ކަމަށާއި އެކަމަނާ ވަޒީފާއަށް ނިކުތުމުގައި ޚާއްޞަ އުސޫލެއް ހަދާފައި ނުވާނެ ކަމަށް ސީއެސްސީން ކުރިން ބުނެފައިވެއެވެ.
އެގޮތުން އެ ކަމަނާ ފުރަތަމަ އެދިވަޑައިގެންފައި ވަނީ، މެޑަމް ސާޖިދާއަށް ދާއިމީ ވަޒީފާގައި ދެމިހުރެވޭނެ ގޮތެއް ހޯދަން ކަމަށާއި ޤަވާއިދު އެގޮތަށް ތަން ނުދޭތީ ކޮންސަލްޓެންޓެއްގެ ގޮތުގައި ކޮންޓްރެކްޓު އުސޫލުން އެ ކަމަނާ މަސައްކަތް ކުރައްވާ ގޮތަށް ހަމަޖެއްސީ ކަމަށް ސީއެސްސީން ބުނެއެވެ.

