މާލެއިން ފުރައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި ”ބަހާދަރު“ ނަމަކަށް ކިޔާ ބޯޓެއްގައި ތިބި މީހުންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ބޯޓުގެ 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުންދިޔަ ”ބަހާދަރު“ ބޯޓު، ނ.ދެކަނަންފަރު ކައިރިން ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު ރޭ ދަންވަރު 02:30 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، ”ބަހާދަރު“ ބޯޓުން ދަތުރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޯޓު އޮތް ސަރަހައްދަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް 116 ދިޔައެވެ.
މިގޮތުން މިއަދު ފަތިހު ބޯޓު އޮތް ސަރަހައްދަށް ގޮސް، ބޯޓުގައި ތިބި މީހުންގެ ތެރެއިން 17 މީހުން ހާބަރކްރާފްޓަށް ނަގައިގެން ހެނދުނު 06:08 ހާއިރު ވަނީ އެ މީހުން ށ.ކޮމަންޑޫއަށް ގެންގޮސްދީފައެވެ.
ފަރަށް އަރާފައިވާ ”ބަހާދަރު“ ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

