ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ އައު ސީ.އީ.އޯ ހީނާ ވަލީދު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހަކަށް ގުޅައި، އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވުމުން، ގިނަ ބަޔަކު ހީނާއަށް ތަޢުރީފު ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި، ސ.ފޭދޫ، ސީމާ/ ފާޠިމަތު ޝާމިލާއަށް އުރަމަތީގެ ކެންސަރު ޖެހި، އޭނާގެ ޙާލަތު މިހާރު ހުރި ގޮތް ބަޔާންކޮށްފައިވާ ޕޮސްޓެއް ވައިރަލްވުމާއިއެކު، ހީނާގެ ސަމާލުކަން މިކަމަށް އައިސް، ޝާމިލާއަށް ގުޅުއްވިއެވެ. ހީނާ ވަނީ ޝާމިލާއަށް ގުޅުއްވައި، ޙާލު އޮޅުންފިލުއްވައިފައެވެ. އަދި ފަރުވާގެ ކަންކަން ކުރިއަށް ދިޔުމަށް، ޝާމިލާ ބޭނުންވާ ގޮތް އައްސަވައި، އެކަމުގައި އެންސްޕާއިން ވެދެވެން އޮތް ހުރިހައި އެހީއެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

”ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ހަވާސާ ނުކޮށް, ނިޒާމްގެ ތެރެއިން އަޅާލުމާ އޯގާތެރިކަމާއި ލޯތްބާއެކު އެހީތެރިކަން ފޯރުކޮށް ދިނުން. ކޮންމެ ބޭފުޅެއްގެވެސް އަޑުއަހާނަން. އަދި އެބޭފުޅަކަށް ކޮށްދެވެން ހުރި ކަންކަން ކޮށްދިނުމަށް އިސްކަންދީ އެއްބާރުލުން ދޭނަން.
ޝާމިލާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން.“ ހީނާ ވިދާޅުވިއެވެ.

ޝާމިލާ ކެންސަރު ބައްޔަށް ފަރުވާ ކުރާތާ އަހަރެއް ވެފައިވާއިރު، ސްރީލަންކާގައި ފަރުވާ ހޯދަން ކުރި ތަޖުރިބާ ހިތި ވުމުން، އޭނާ މިހާރު ބޭނުންވަނީ އިންޑިއާ އިން ފަރުވާ ހޯދާށެވެ.

ޝާމިލާއަަށް ކެންސަރު ޖެހިފައިހުރީ ސްޓޭޖް -2 ގައި ކަމަށް ޑޮކްޓަރ ބުނެފައިވެއެވެ.  ހަށިގަނޑު އެކި ސަރަހައްދަށް މި ބަލި ފެތުރެމުންދާކަމަށް ޑޮކްޓަރު ބުނެފައިވާތީ އިތުރު ޓެސްޓްތަކެއް ހެދުމަށް އަންގައިފައިވާ ކަމަށް ވެސް ޝާމިލާ ބުނެއެވެ.

”ވަރަށްވެސް ވޭންހުރި މި ބަލީގެ ފަރުވާ ކުރިޔަށް ގެންދިއުމަށް، އާސަންދައަށް ހުށަހަޅެމުން މި ބައްޔަށް ބޭސް ކުރަން އެޑްމިޓް ކުރުމުން ބޭސްފަރުވާގެ ކަންކަން އާސަންދައިގެ ދަށުން ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ލަންކާގައި ކުރެވުނު ހިތި ތަޖުރިބާގެ ސަބަބުން، މި ފަރުވާ ދެން ކުރިޔަށް ގެންދަން ބޭނުންވަނީ އިންޑިއާގައެވެ. އެހެންނަމަވެސް ފަރުވާއަށް ބޭނުންވާ ބޭސް ގަތުމާއި، ހުރުމާއި ކެއުންފަދަ އިންސާނަކަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށާއި އެހެނިހެން ޚަރަދުތައްވެސް ކުރަން ޖެހޭނީ އަމިއްލަ ޚަރަދުގައެވެ. މި ބަލީގައި 1 އަހަރުވެގެންދާއިރު މާލީ ގޮތުން އެތައް ހޭދައެއްވެސް ކުރެވިފައިވާއިރު، އިސްވެ ދެންނެވި ކަންކަން ކުރުމަށް އަޅުގަނޑުގެ މާލީ ޙާލަތު އެއްވެސް ވަރަށް ތަނެއް ނުދެއެވެ.“

ޙާލަތު ބަޔާންކޮށް ޝާމިލާ ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

ޝާމިލާގެ އެކައުންޓް ނަމްބަރަކީ؛ 7701149818101
ފާޠިމަތު ޝާމިލާ ޝާކިރު

ޝާމިލާއަަށް ގުޅުއްވުމަށް: +960 9193711