ހުޅުމާލެ ފޭސް ތިނަކުން ބިން ލިބުނު މީހުންނަށް ފުށިދިއްގަރު ފަޅުން ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށް ބުނެ، ފަތުރަމުންދާ ވާހަކަތައް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ދޮގުކުރައްވައިފިއެވެ.
ފަޒުލް މިކަން ދޮގު ކުރެއްވީ، ރޭ އެކްސްގައި ކުރެއްވި ޕޮސްޓެއްގައެވެ.
ހުޅުމާލެ ފޭސް ތިނަކުން ބިން ލިބުނު ފަރާތްތަކުގެ ބިން ފުށިދިއްގަރު ފަޅަށް ބަދަލުކުރުމަށް ނިންމި ވާހަކައަކީ ޙަޤީޤަތާއި ޚިލާފު ވާހަކައެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
HDC inn hulhumale 3 akun bin libunu farai thaku ge bin fushidhihgaru falhah badhalu kurumah ninmi vaahaka akee hageegathaa khilaafu vaahaka eh. pic.twitter.com/r2yFtWXhcm
— Fazul Rashyd (@FaZuLRaShYd) December 13, 2023
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހުޅުމާލެ ފޭސް 3 އިން ބިން ދޫކުރީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގެ ތެރޭގައެވެ.
ހުޅުމާލެ ފޭސް 3 މަޝްރޫޢުގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ދެވަނަ ބުރުގެ ވޯޓުލުން އޮތީ، އެ މަހުގެ 30 ވަނަ ދުވަހުއެވެ.
ފުށިދިއްގަރުފަޅު މަޝްރޫޢު އަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރަން ހިންގާނެ އެންމެ ބިޔަ މަޝްރޫޢުއެވެ. މި މަޝްރޫޢުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން އެމަނިކުފާނު އިޢުލާނު ވެސް ކުރެއްވިއެވެ.
އެގޮތުން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅި އިރު ފުށިދިއްގަރުފަޅު ހިއްކަން ވަނީ 400 މިލިއަން ރުފިޔާ ބަޖެޓު ކުރިއެވެ. ނަމަވެސް ބަޖެޓުގެ ކޮމިޓީ މަރުޙަލާގައި އިދިކޮޅު އެމްޑީޕީ އިން ވަނީ އެކަމަށް ޚާއްޞަ ކޮށްފައިވާ ބަޖެޓު އުނިކޮށް އެހެން މަޝްރޫޢުތަކަށް އެ ފައިސާ އެކި ވަރަށް ބަޖެޓުން ބަހައިލައިފައެވެ.
އެމްޑީޕީން މިފަދަ ހުރަހެއް އެޅިޔަސް، ސަރުކާރުން ނިންމަވައިފައިވަނީ، މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދާށެވެ.
ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

