އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެ ރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު އިއްޔެ އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ.
ވިހެއުމަށް ފަހު، އެއްލައިލި ކުއްޖާ ފެނުނީ މި މަހުގެ ތިން ވަނަ ދުވަހު ހެނދުނު ދިގުރަށު ކުނިގޮނޑުންނެވެ.
އެނގިފައިވާ ގޮތުގައި، އެ ކުއްޖާ ފެނުނު އިރުވެސް އޮތީ މަރުވެފައެވެ. އެ ކުއްޖާ ފެނުނީ އެ ރަށުގެ ކުނިގޮނޑުގައި މަސައްކަތް ކުރާ މުވައްޒަފަކު، ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކައި ކޮތަޅުތަކުން ކުނި ނަގަނިކޮށެވެ.
އެ މައްސަލައާ ގުޅިގެން އެ ކުއްޖާގެ މަންމަ ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ސްރީލަންކާއަށް ނިސްބަތްވާ އެ މީހާ ހައްޔަރު ކުރީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
